TheGreaterAddu
A Vision for Addu’s Era of Pride
އައްޑޫގެ ރަންޒަމާން އިޢާދަ ކުރުމުގެ ތަސައްވުރު
އައްޑޫއަކީ އެއްވެސް ދުވަސްވަރެއްގައި އާދައިގެ ތަނެއް ނޫނެވެ.
އެވޭލާ ޒަމާނުގެ ވަޒަންވެރިވުންތަކުން ފެށިގެން، ދުނިޔޭގެ އެބިތްމިބިތަށް ދަތުރުކުރުގައި ދެވަނައެއްނެތް ފަދަ ނެވިކަމުގެ ހުނަރުވެރިކަމާއި، އާދަކާދަތަކާއި، އާރް.އޭ.އެފްގެ ޒަމާނާއި، ސުވާދީބުގެ ހަނދާންތަކާއި، ޒަމާނީ އިސްލާޙީ ހަރަކާތުގެ މަރުކަޒުވުމާއި ހަމައަށް މުއްސަނދި ތާރީޚަކާއި، ހަރުދަނާ ޝަޙްޝަކާއި، ސާބިތު ޔަގީންކަންމަތީ ތަފާތު ދައްކައިދިނުމުގެ މިސާލު ދައްކުވައިދީފައިވާ ނަމޫނާ ތަނެކެވެ.
އެހެނެއްކަމަކު، މިއަދު އައްޑޫ ފަރަގުކުރެވިފައިވަނީ ބޭސްސިޓީއެއް ފަދަ ކުޑަ ޕްލޭނަކުން ކުޑަކަކޫ މައްޗަށް ކުޑަކުރެވިފައިވާ ކުޑަކުޑަ ސިޓީބިޓީގަނޑެއްގެ ދަރަޖައިގައެވެ. ދުވަހުން ދުވަހަށް ހިނގާ އިދާރީ ހިންގުމުގެ ކޫސަނިމޫސަނި ކަންކަމަށް މުޅި އަހަނމިއްޔަތުކަންހުއްޓި، ތަރައްޤީއާއި، ތަހުޒީބާއި، ތަމައްދުނުގެ ބޮޑު މަންޒަރުން ފޯކަސް ގެއްލި، އަމާޒު ސޮއްސާލައިގެން ގޮސް ވިއްސިވިހާލިވެ، ލަނޑުދަނޑިއެއް، މޭޔަރެއް، މާލިމީއެއް ނެތި ހޭރިޔާކުރާ ފަރަށް އުރިފައިވާ އޮޑިއެއްގެ މަންޒަރެވެ.
ގްރޭޓަރ އައްޑޫގެ މަޤްސަދަކީ މި މަންޒަރު ބަދަލުކުރުމެވެ.
ގްރޭޓަރ އައްޑޫގެ އަމާޒަކީ ކޮބާ؟
ގްރޭޓަރ އައްޑޫގެ އަމާޒަކީ އިދާރީ ހިންގުމުގެ އޮނިގަނޑުގެ މަރުތަޅުން ނެއްޓި، އައްޑޫގެ ރަންޒަމާން އިޢާދަ ކުރުމުގެ މުޤައްދަސް މަޤްސަދު މަތީ ސާބިތުކަމާއިއެކު ހަމަފައިން މައްޗަށް ތެދުވެ – ތަރައްޤީއާއި، ތަމައްދުނުން ފުރިގައިވާ، ފުއްދުންތެރި، ބާރުވެރި، ރައްޔިތެއްގެ ބެލެނިވެރިކަމުގައި ބައްޓަންކުރާ ތަހުޒީބީ ޝަހަރެއް ބިނާ ކުރުމަތީ – ހިންދެމިލުމެވެ.
ގްރޭޓަރ އައްޑޫގެ އަމާޒަކީ އިދާރީ ހިންގުމުގެ އޮނިގަނޑުގެ މަރުތަޅުން ނެއްޓި، އައްޑޫގެ ރަންޒަމާން އިޢާދަ ކުރުމުގެ މުޤައްދަސް މަޤްސަދު މަތީ ސާބިތުކަމާއިއެކު ހަމަފައިން މައްޗަށް ތެދުވެ – ތަރައްޤީއާއި، ތަމައްދުނުން ފުރިގައިވާ، ފުއްދުންތެރި، ބާރުވެރި، ރައްޔިތެއްގެ ބެލެނިވެރިކަމުގައި ބައްޓަންކުރާ ތަހުޒީބީ ޝަހަރެއް ބިނާ ކުރުމަތީ – ހިންދެމިލުމެވެ.
މި ޝަރަފުވެރި ޝަހަރަކީ، ވަށާޖެހިފައިވާ ފަތުރުވެރިކަން ތަންމިނަށް ފުޅާކުރެވި، ވަޒީފާއާއި ފުރުޞަތުތަކުން ފުރިފައިވާ، ޢިލްމީ އިޤްތިސާދުގެ ޢަޞާޞް މަތީ، އީޖާދީ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބިނާ ކުރެވިފައިވާ، ސަރަހައްދީ ގުޅުންތައް ގާތްކޮށް، ޤާއިމްކޮށް މަރުކަޒު ކުރެވޭ މައި ޝަހަރެކެވެ.
މި ތަޞައްޥުރު ޤަރާރު ކުރެވިފައިވަނީ މައިގަނޑު 6 ޤަޞްތެއް މަތީއެވެ.
- އައްޑޫގެ ޝަޙްޝު ނެގެހެއްޓުމުގެ މަޤްސަދުގައި ޢިލްމީ ދިރާސާތަކަށް ޚާއްސަ މަރުކަޒެއް ޤާއިމް ކުރުން.
- އައްޑޫ ސިޓީގެ ފަތުރުވެރިކަން، ޒިޔާރާތްކުރާ މެހެމާނުންގެ މެހެމާންސަރާއަކަށް ހަނިކުރެވިފައި އޮންނަ އޮތުން ބަދަލުކޮށް ފުޅާކުރުން.
- ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ވަޒީފާތައް އައްޑޫއަށް ގެނައުން.
- ރަށުން ބޭރުވެ، ވިއްސިވިހާލިވެފައިވާ އައްޑޫގެ އަހުލުންނާއި ގުޅުން ބަދަހިކޮށް، އައްޑޫއަށް ސިކުނޑި ޖޯރު ރުޖޫޢަކުރުން.
- އައްޑޫ ސިޓީއަކީ އިންވެސްތަރުންނަށް ފަހި، އީޖާދީ ވިސްނުމާއި ޒުވާނުންނަށް ހުޅުވާލެވިފައިވާ ޝަހަރަކަށް ހެދުން.
- އިންޑިޔާ ކަނޑުގެ ވަޔާއި ކަނޑުދަތުރު މަރުކަޒުކުރެވޭ ބަނދަރަކަށް މަގުކޮށުމުގެ ޢަމަލީ މަސައްކަތް ފެއްޓުން.
މި ޤަސްތުކުރުންތަކަކީ ތަފާތު މަޝްރޫޢުތަކެއް ނޫނެވެ. ނަމަވެސް، އެއް މިސްރާބެއް، އެއް އަމާޒެއް، އެއް ލަނޑަުދަނޑިއަކަށް ފަހި ކުރެވިފައިވާ އެއް ވިސްނުމުކެވެ. އެ ވިސްނުމަކީ:
- އައްޑޫގެ ފަޚުރުވެރި މާޒީ އިޢާދަކުރުން
- އައްޑޫ ދުނިޔޭގެ ޗާޓަށް އަނބުރާ ގެނައުން
- އައްޑޫއަށް ވަޒީފާއާއި ވަޞީލަތްތައް ރުޖޫޢަކުރުން.
- އައްޑޫ ރައްޔިތުންނަށް އަނބުރާ އައްޑޫ ހޯދައިދިނުން.
- އައްޑޫ ބިނާކުރުވަނިވި ޚިޔާލާއި ވިސްނުމަށް ހުޅުވާލުން.
- އައްޑޫގެ ދައުރު ސަރަޙައްދީ ގޮތުން ފުޅާކުރުމުގެ ބާބެއް ފެށުން.